ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މާލެއިން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މީހަކު ދިއްދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ.
މެއި 12ވަނަ ދުވަހުގެ ރޭ 1:47 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ދިއްދުއަށް ދަތުރުކުރަމުންދިޔަ އެދޯނި ވަށަފަރާއި ގާތްކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. އުތީމު މެޖިިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.