ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި ށ. ފޭދޫ 50 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މި އަންހެންމީހާ އަށް އަނިޔާކުރި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކަކުންނެވެ. މިފޮޓޯތަކުން ފެންނަ ގޮތުގައި، މި އަންހެން މީހާގެ ބޮލުގައި ގޯންޏެއް އަޅުވައި މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި އޭނާ ވަނީ ބަނދެފައިއެވެ.
ފޭދޫ ކައުންސިލުން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މި އަންހެންމީހާ އަކީ މީހުންނަށް އުނދަގޫކުރަމުން މުޅި ރަށު ތެރޭގައި ދަންވަރު ވެސް ހިނގާ މީހެއްކަމަށާއި އެކަމާ ހިތްހަމަނުޖެހުނު ބައަކު ކުރި ކަމެއް ކަމަށް ބެލެވޭކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ މިއަންހެންމީހާ އަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ނިންމާފައިވާކަމަށާއި ވީ އެންމެ އަވަސް ފުރުސަތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރާނެކަމަށެވެ.