ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިހާރު ފައިސާދެމުން އަންނަ އުސޫލު ބަދަލު ކުރުމަށް ޕާޓީތަކާއި އެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ ހޯމަ ދުވަހު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ހުރިހާ ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި މިމަޝްވަރާ ބައްދަލުވުމުގައި ޕާޓީގެ ލީޑަރޝިޕާއި ކައުންސިލުން އަންހެން ކަނބަލުންނަށް ޖާގަ ދިނުމާއި ގުޅޭގޮތުންވެސް މަޝްވަރުމާއި، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް އިސްލާޙު ހުށަހެޅުމަށާއި، ވޯޓު ކަރުދާހުގައި ފާހަގަޖެހުމާއި ގުޅޭގޮތުން ޤާނޫނަށް ގެނެސްފައިވާ ބަދަލުވެސް އަލުން އިސްލާޙުކުރުމަށް މަޝްވަރާކުރުމާއި، ޕާޓީތަކުން ހުށަހަޅާ މާލީ ބަޔާންތަކާއި އޮޑިޓް ރިޕޯޓްތައް ބަލައި ދިރާސާކުރުމުގެ އުސޫލެއް ހެދުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އަދި އަމިއްލަ ބައެއް ޖަމިއްޔާތަކުންވެސް ބައިވެރިވާއިރު ކޮންމެ މީޑިއާއަކުން އެއް ބޭފުޅަކު މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާނެއެވެ.