ރުއްގަސް ނެގުމުގެ ޤަވާއިދަށް އާންމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރުއްގަސް ނެގުމުގެ ޤަވާއިދަށް އާންމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވަނީ!

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ރުއްގަސް ނެގުމުގެ ޤަވާއިދަށް އާންމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމަކީ ފަހަކަށް އައިސް ވަރަށް ގިނައިން މިނިސްޓްރީއަށް އަންނަ ޝަކުވާއެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އޮންނަ ރުއްގަސް ނެގުމުގެ ޤަވާޢިދު އޮންނަ ގޮތުން ބައެއް ފަރާތްތަކަށް ފިޔަވަޅު އެޅި ބައެއް ފަރާތްތަކަށް ފިޔަވަޅު ނޭޅޭތީ މި ޤަވާއިދު އިސްލާހު ކުރުމަށް ޢާންމުންގެ ޚިޔާލު ބޭނުންވާކަމާށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ފޯރަމް އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ، 21:30 ގައި ސަލްޓަން ޕާކުގައި ހުންނަ އެންފިތިއެޓާގައިކަމަށެވެ.

މި ފޯރަމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ގެ އިތުރުން މިނިސްޓްރީގެ ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެހެންކަމުން މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ޚިޔާލު ފާޅުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރުއްގަސް ނެގުމުގެ އާ ޤަވާއިދެއް އެކުލަވާލައި އާންމު ކުރީ މި އަހަރުގެ ތެރޭގައެވެ. އެ ޤަވާއިދަށް އާންމުންގެ ހިޔާލު، ލިޔުމުން ހުށަހަޅަންވެސް މީގެ ކުރިން ވަނީ ހުޅުވާލާފައެވެ.

 

މިއަދު އޮންލައިން