ރަސްމީ ދުވަސްތަކުގައި މަޖީދީ މަގުން ދުއްވޭނީ ހުޅަނގުން އިރަށް ކަމަށް ކުރިން ނިންމިނަމަވެސް ދުވާލުގަޑީގައި މަޖީދީމަގު ވަންވޭކުރުން ހުއްޓާލަން ފުލުހުން ނިންމައިފިއެވެ.
ސޯސަންމަގުން ފެށިގެން މާވެޔޮ މަގާ ހަމައަށް ކުރިން ވަންވޭ ކުރީ ރޯދަ މަހު ސްކޫލުތަކާއި އޮފީސްތައް ނިމޭ ވަގުތާއި މުދާ އުފުލާ ގަޑިއާ ދިމާވެ، މަޖީދީމަގަށް ވަރަށް ބާރު ބޮޑުވާތީއެވެ.
ނަމަވެސް ދުވާލުގަޑީގައި މަޖީދީމަގު ވަންވޭކުރުން ހުއްޓާލަން ނިންމީ ފުރަތަމަ ޓާމުގެ ޓެސްޓުތައް ނިންމައި ގިނަ ސްކޫލުތަކެއްގެ ކިޔެވުން މެދުކަނޑާލާފައި ވާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ރޭގަނޑު ގަޑީގައި ވަންވޭ ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.