ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ.
މިދެމީހުންގެ ތެރެއިން 20 އަހަރުގެ މީިހާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މެއި 19 ވަނަ ދުވަހުގެ ރޭ 00:30 ހާއިރު ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު މީނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ.
22 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 18 ވަނަ ދުވަހުގެ 21:17 ހާއިރު ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ރިސޯޓުން މިމީހާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު ފެނުމާއި ގުޅިގެންނެވެ.
މީގެ އިތުރުން ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މެއި 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މާލެއިން ފުރައިގެން ނ.އަތޮޅަށް ދަތުރު ކުރަމުންދާ ލޯންޗަކުން ނ.އަތޮޅަށް ގެންދާ ފޮށިގަނޑެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ފޮށިގަނޑާއި ހަވާލުވާނެ ފަރާތެއް ނެތުމުން 17:05 ހާއިރު މަނަދޫ ޕޮލިސް ސްޓޭޝަނުން ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ތިން މައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.