ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށްގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އެކަން އެންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.
އޭސީސީން މިކަމަށް އެދިފައިވަނީ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓުތައް ގަތް ފަރާތްތަކުން ޑިޕޮސިޓުގެ ގޮތުގައި ދެއްކި ފައިސާއިން އެކުންފުނީގެ އިސްމީހުން އުސޫލާ ޚިލާފަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އޭސީސީން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަތަކަކުން އެ ޕްރޮޖެކްޓާ ގުޅިގެން ޑިޕޮސިޓް ފައިސާ އެމްއެމްޕީއާރުސީއަށާއި އެމްއައިޓީޑީސީއަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް، ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާތާއި، ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި، ފައިސާ ދެއްކި ތާރީޚާއި، ފައިސާ ދައްކާފައިވަނީ ނަގުދު ފައިސާއިންތޯ ނުވަތަ ޗެކުންތޯއާއި، ފައިސާ ދެއްކިކަމުގެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެލިޔެކިޔުމެއް ކޮމިޝަނާ ހިއްސާކުރުމަށް އޭސީސީން ވަނީ އެދިފައެވެ.
މި މައުލޫމާތުތައް ޖޫން 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން އޭސީސީ އަށް ލިޔުމުން އަންގައިދިނުމަށް ވެސް ވަނީ އެދިފައެވެ.