މ. މުލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މުލިން މީހަކު ހައްޔަރުކޮށްފިއެވެ.
މާލެއިން ފުރައިގެން މުއްޔަށް ދަތުރުކުރަމުންދާ ލޯންޗަކުން މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މެއި 21 ވަނަ ދުވަހު އެރަށު ބަނދަރުމަތިން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މީނާގެ ގެންގުޅުނު ވޮލެޓްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ. އަދި މީނާގެ ހަށިގަނޑުގައި އިތުރަށް މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް ބެލެވިގެން މުލީ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގައި ބެލިއިރު، މީނާގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.