ރަމަޟާން މަހަށް ޚާއްސަކޮށްގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޤުރުޢާން މުބާރާތް ފަށައިފިއެވެ.
މިމުބާރާތް ފެށުމަށް ވިލިމާލެ މުހިއްޔުއްދީން ސްކޫލްގައި އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް އަޒީޒު ޖަމާލް އަބޫބަކުރެވެ.

ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށް ޖުމްލަ 185 ކުދިން ބައިވެރިވެފައިވެއެވެ.

މެއި 21ން 25ށް ކުރިއަށް ގެންދާ މިމުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ފަރާތުންނެވެ.

މިމުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން ބާއްވަމުން އަންނަ ޤުރުއާން މުބާރާތެކެވެ.