ދިއްފުށި - ވަގުންނާ ރައްޔިތުންގެ ހަނގުރާމައަކަށް! - އެތައް އަހަރަކުން ކުރާ މަސައްކަތް ވަގަށް ނަގާތަން ބަލާކަށް އަބަދަކު ނުތިބެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދިއްފުށި - ވަގުންނާ ރައްޔިތުންގެ ހަނގުރާމައަކަށް! - އެތައް އަހަރަކުން ކުރާ މަސައްކަތް ވަގަށް ނަގާތަން ބަލާކަށް އަބަދަކު ނުތިބެވޭނެ!

ކ. ދިއްފުށީގައި ވައްކަންކުރުން ގިނަވެ އެކަން ހުއްޓުވޭނެ ގޮތެއް ނެތުމުން އެކަމަށް ހައްލެއް ހޯދަން ރައްޔިތުން ނުކުމެ މަސައްކަތްކުރަން ފެށުމުން މިހާރު އެކަން ވަނީ ބޮޑު ހަމަނުޖެހުމަކަށް ގޮސްފައެވެ.  

ކުރީރޭ 2 މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން އެކަކަށް މިހާރުވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. ރޭ ހިންގި ހަމަނުޖެހުންތަކުގައި މީހަކަށް ފަރުވާދޭން ޖެހުނުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަކު ބަންދުކޮށް ތުލުސްދޫ ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ދިއްފުށީގެ މައްސަލަތައް ފެށުނީ ފިހާރައަކުން 180000 ރުފިޔާ އާއިއެކު ތިޖޫރީއެއް ވަގަށް ނެގުމުން އެކަން ކުރި މީހުން ހޯދަން ރައްޔިތުން ނުކުތުމާއި ގުޅިގެންނެވެ. މިއަދުނޫހަށް މައުލޫމާތު ދިން އެ ރަށުގެ ރައްޔިތަކު ބުނީ ރައްޔިތުންނަށް އަމިއްލައަށް ނުކުންނަން ޖެހުނީ ފުލުހުންނަށް ކަންކަން ނުހޯދޭތީ އާއި އަދި ހޯދޭ ކަންކަމުގައި ވެސް ކުށްވެރިންނަށް އަދަބު ދެވޭނެ ނިޒާމެއް ދައުލަތުގައި ނެތުމުން ކަމަށެވެ. 

"އަޅުގަނޑުމެން ނުލާހިކު ބުރަ މަސައްކަތްކޮށްގެން ފައިށާ ހޯދަނީ. ހޯދާއިރަށް ވަގަށް ނަގަނީ. އެއީ ހަމަ ދާދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ ވަރަށް ފަސޭހައިން ކުރެވޭ ކަމެއް. ދެން ދަންނަވަން ޖެހެނީ މިހާރު މުޅި ދައުލަތުގެ ނިޒާމު މިއޮތީ އަތުން ފައިން ނުކޮށް ވައްކަން ކުރަން ހިތްވަރުދޭ ގޮތަށޭ! ވައްކަން ކުރަނިކޮށް އަތުލައި ގަނެވުނު ނަމަވެސް ހައްޔަރުކުރަނީ ނަމަކަށް. އަދަބެއް ނުދެވޭ. މަތިމައްޗަށް ވައްކަންކޮށްގެން ތިބި އެތައް ބައަކު މިތިބެނީ ވީއްލިފަ. މިއީ ވައްކަންކުރަން ވަގުންނަށް ދޭ ދައުވަތެއް ކަމަށް އަޅުގަނޑު ދެކެނީ." ދިއްފުށީ މީހަކު ބުނެފައިވެއެވެ. 

ރައްޔިތުންގެ ވިސްނުން މިމޭރުމުން އެހުންނަނީ ސަބަބުތަކެއް ހުރުމުންނެވެ. ކުށް ސާބިތުވުމުން ދައުވާކޮށް އަދަބުދޭން 10 ވަރަކަށް އަހަރުވެސް ނަގާތީއެވެ.

 

 

މިއަދު އޮންލައިން