ފުލުހަކު ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެއިދާރާއިން ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި އެފުލުސް މީހާ އެކުދިންނަށް ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކޮށްފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އެމައްސަލަ ފުލުހުންނަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެހެންނަމަވެސް އޭރު އެކަށީގެންވާ ހެކި ލިބިފައި ނެތުމުގެ ސަބަބުން އެމައްސަލަ ނުބެލުނީ ކަަމަށް ވެސް އޮފިސަރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އޮފިސަރު ވިދާޅުވީ، ތުހުމަތުކުރެވޭ ފުލުސް މީހާ އެހެން ފިރިހެން ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާރު އެފުލުސް މީހާ ހުރީ ނޯޕޭ ލީވްގައި ސްރީލަންކާގައި ކަމަށެވެ. މިއަމަލު އޭނާ ހިންގާފައިވަނީ ލަންކާއަށް ފުރުމުގެ ކުރިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޮފިސަރު ވިދާޅުވެފައިވެއެވެެ.
އޮފިސަރު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.