ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރާކަމުގެ މައުލޫމާތު ލިބިގެން މިމަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ދެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާ ތަކެއްޗާއެކު 37 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމައްސަލައާއި ގުޅިގެން ގ. ޕެލިކަން އިން އުމުރުން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 11 ދިވެހި ފިރިހެނުންނާއި 21 އަހަރުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ގ. މެމޮރީ ވިލާއިން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 24 ދިވެހި ފިރިހެންކުދިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިމައްސަލައިގައި ހިމެނޭ 17 އަހަރުގެ ދެކުދިން ފިޔަވާ އެހެން މީހުންނަށް މިނިސްޓްރީ އޮފް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
މައްސަލައާއި ގުޅިގެން އެ ދެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި 81 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވެފައިވެއެވެ.
ގަލޮޅުގެ ދެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ފެނިފައިވާއިރު މިދެގެއަކީ ވެސް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް އިލެކްޓްރިކަލް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވާ ދެ ގެ ކަމަށާއި އެދެގޭގައި ވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ދީފައި ހުރިކަން ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެދެގޭގައި ވެސް މަސްތުވާތަކެތި ބޭނުން ކުރަން ކުޑަކުދިންނާއި އަންހެނުން ވެސް ޝާމިލު ކޮށްފައިވާކަން ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.