ދަރަވަންދޫ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ދަރަވަންދޫ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބ. ދަރަވަންދޫގައި ބާއްވައިފިއެވެ. މި މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ  މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ރ.މަޑުއްވަރީ، ހދ. ނޮޅިވަރަންފަރު އަދި ށ. ފޯކައިދޫ ފެނުގެ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމުކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ. މި މުޅި މަޝްރޫޢަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) ޔޫ.އެސް ޑޮލަރު ދިވެހި ސަރުކާރަށް ވަނީ ލިބިފައެވެ. މި ފައިސާ ދިވެހި ސަރުކާރަށް ލިބިފައިވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

ބ. ދަރަވަންދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ

މި މަޝްރޫޢުގެ ދަށުން ބ.ދަރަވަންދޫގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.

 މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ޙަވާލުކުރެވިފައި ވަނީ 29,170,066.22ރ. (ނަވާވީސް މިލިއަން އެއްސަތޭކަ ހަތްދިހަ ހާސް ފަސްދޮޅަސް ހަ ރުފިޔާ ބާވީސް ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ބ. ދަރަވަންދޫގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ.                                                                                  

މިއަދު އޮންލައިން