ވަކިވަކިން ސިނގިރޭޓެއް ދެން ނުވިއްކޭނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވަކިވަކިން ސިނގިރޭޓެއް ދެން ނުވިއްކޭނެ!

މިއަދުން ފެށިގެން ރާއްޖޭގެ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކުން ވަކިވަކިން ސިނގިރޭޓް ވިއްކުން މަނާވެއްޖެއެވެ.

މިއަދުން ފެށިގެން ސިއްހަތުގެ އިންޒާރު ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހައިގެން ނޫން ގޮތަކަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމާއި ބޭރުކުރުން އަދި ރާއްޖޭގައި އުފައްދާ ސިނގިރޭޓުވެސް ވިއްކުން މަނާވާނެއެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދުންފަތް ޕެކެޓުގައި ހުރުން ލާޒިމްކުރާ ސިއްހަތުގެ އިންޒާރު ނެތި ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ރާއްޖޭގައި ވިއްކުމަކީ މަނާ ކަމަކަށް ވާނެއެވެ.

މިގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ހެލްތް މިނސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީން އިސްނަގައިގެން އެޅި މިފިޔަވަޅަކީ ޒުވާނުން ދުންފަތާ ދުރުކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ދުންފަތާ ދުރުވުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތުގައި ކުރިއަށް ދިއުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. 

މިއަދު އޮންލައިން