މިއަހަރުގެ ފިޠުރު ޢީދު ދުވަހު، ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:30ގައި ކަމަށާއި ޢީދު ނަމާދުކުރާ ސަރަޙައްދަށް އެދުވަހުގެ ހެނދުނު 6:30އިން ފެށިގެން ވަދޭވެނެކަމަށް އިސްލާމިކް މިނިސްޓްރިއިން ބުނެފިއެވެ.
މާލޭގައި ބާއްވާ ބޮޑު ޖަމާޢަތުގައި މިއަހަރު ފިރިގެނުން ނަމާދު ކުރުމަށް ހަމަޖައްސާފައިވަނީ، އިސްކަންދަރު ކޮށި ކުރިމަތިން އޮންނަ ޓަރފް ދެދަނޑުގައެވެ. އަދި އަންހެނުން ނަމާދުކުރާނީ ސްޓޭޑީއަމް މެދުގައި އޮންނަ ކުޑަ ޓަރފް ދަނޑާއި، އަދި އެތަން ފުރިއްޖެނަމަ ދުވާ ޓްރެކް ސަރަޙައްދުގައެވެ. ނަމާދަށް އަންނަ އަންހެނުންނަށް ޓަރފް ދަނޑަށް ވަދެވޭނީ ބޮޑު ތަކުރުފާނު މަގާއި ދިމާއިންނާއި ދުވާ ޓްރެކް ތެރެއިން ލާފައެވެ.
ޢީދު ނަމާދު ވަގުތު ޓްރެފިކް ކަންކަން ބެލެހެއްޓުމާގުޅޭގޮތުން ވާހަކަދައްކަވަމުން ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތްފީ ވިދާޅުވީ ނަމާދަށް އަންނަ މީހުންނަށް ވެހިކަލް ޕާކުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މިފްކޯ ފިހާރަ ކުރިމަތިން އޮންނަ ވެލި ދަނޑުގައެވެ.
"މިފަހަރު ސްޓޭޑިއަމް ކައިރިން ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތައް 6:30ގައި ބަންދިކުރާނެ. އަދި މިފަހަރު ބޮޑުތަކުރުފާނު މަގުގައި ޕާކެއްވެސް ނުކުރެވޭނެ". މުޙައްމަދު ލުޠުފީ ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމަދަށް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެއެވެ. މީހުން ގިނަވުމުގެ ސަބަބުން ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މިއަހަރުވެސް އިސްލާމިކް މިނިސްޓްރީންވަނީ މާލޭ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ނަމާދު ކުރާ ތަންތަނުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
މިކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ނިޔާޒު ވިދާޅުވީ މާލޭގައި ނަމާދުކުރާ ސަރަޙައްދު ހަމަޖައްސާފައިވާނީ ޢާއްމުންނަށް ވަދެނުކުމުގެ އުޅުމަށް ފަސޭހަވާނެގޮތާއި، ނަމާދުކުރަން ތިބުމަށް ފަސޭހަވާނެ ގޮތަށްކަމަށެވެ.
"މިއަހަރު ދިވެހިންގެ އިތުރުން، ނަމާދަށްދާ މީހުންނަށް އެހީތެރިވެ ދިނުމަށް ގައިޑުންގެ ގޮތުގައި ބިދޭސީންވެސް މަސައްކަތް ކުރާނެ. ބޮޑު ޖަމާޢަތުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިއިވެރިވޭ" ނިޔާޒް ވިދާޅުވިއެވެ.
މިއަހަރު މާލޭ ތިން ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން މާލޭގައި ޢީދު ނަމާދުކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ޢާޒީ ސްކޫލް ކުރިމަތީ އޮންނަ ހުސް ބިމުގައި ޢީދުނަމާދުކުރުމަށް ހަމަޖެހިފައިވާއިރު، ވިލިމާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ބޯޅަ ދަނޑުގައެވެ.
ރަށްރަށުގައި ބޮޑު ޖަމާޢާތުގައި ޢީދުނަމާދު ކުރަން އެރަށަކުން ކަނޑައަޅާނަމަ، އިސްލާމިކް މިނިސްޓްރީން އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެން އެކަން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.