ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހައްޔަރުކުރި 19 އަހަރުގެ ފިރިހެނެއް މީހާ ދޫކޮށްލީ އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތުމުންކަމަށް ޑިޕާޓްމަންޓު އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިހެންބުނެފައިވަނީ އެ ޑިޕާޓްމަންޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ބުނެފައިވަނީ މިމީހާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއްކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައިވަނީ ހަމައެކަނި މިމީހާގެ ފުރާނައަށް ނުރައްކާ އޮތުމުން ކަމަށާއި ނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައިވަނީ ބުނެފައިވާތީ އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާ ދޫކޮށްލާފައިވަނީ މިކަމުގައި އިތުރަށް ކުރާނެ ތަޙުޤީޤެއް ނެތުމުންކަމަށެވެ.
ޑީޖޭއޭއިން ބުނެފައިވަނީ ހަމައެކަނި ތަޙުޤީގުގައި ބަލަން އޮތީ ކުޑަ ކުއްޖާ ނަފްސާނީ މީހަކަށް ދެއްކުމާއި، ޖެންޑާރ ރިޕޯޓު ހޯދުންކަމަށާއި، އޭނާގެ ބަންދުގައި ހުންނަތާ 12 ދުވަސްވެފައިވާއިރު، ސީދާ އޭނާއާމެދު ކުރާނެ އިތުރު ތަޙްޤީޤެއް އޮތް ކަމެއް އައިއޯގެ ބަހުން އެނގެން ނެތުމާއެކު، އޭނާއަކީ މޯލްޑިވްސް އެއަރޕޯޓު ކޮމްޕެނީގައި ވަޒީފާ އަދާކުރަމުންދާ މީހަކަށްވެފައި، އިތުރަށް ހޯދާނެ ހެއްކެއް އޮތްކަމަށް ނުބެލެވޭތީ އޭނާ ބަންދުން ދޫކޮށްލުމަށްވަނީ އަމުރުކޮށްފައި ކަމަށެވެ.