ސަޤާފީ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ޔޫ،އެންގެ މާހިރަކު ރާއްޖެ ޒިޔާރަތްކުރަނީ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 3މ 53ސ
ސަޤާފީ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ޔޫ،އެންގެ މާހިރަކު ރާއްޖެ ޒިޔާރަތްކުރަނީ!

ރާއްޖޭގައި ސަޤާފީ ހައްޤުތައް ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް ޔުނައިޓެ ނޭޝަންސް ސްޕެޝަލް ރެޕަޓުއަރ އިން ދަ ފީލްޑް އޮފް ކަލްޗަރަލް ރައިޓްސް، ކަރީމާ ބެނޫން، މިމަހުގެ 9 އިން 18 އަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. 

މިއީ 2013 ގެ ފަހުން ރާއްޖެއަށް ޔޫ،އެންގެ ސްޕެޝަލް ރެޕްޓުއަރއެއް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި ސަޤާފީ ހައްޤުތައް ކަށަވަރުވެފައިވާ މިންވަރު ބެލުމަށް ސައުތު އޭޝިޔާގެ ޤައުމަކަށް ކުރާ ފުރަތަމަ ޒިޔާރަތްވެސްމެއެވެ.

ސްޕެޝަލް ރެޕަޓުއަރއާއި ޔޫ.އެން ހިއުމަން ރައިޓްސް ކައުންސިލްއިން ވަނީ ސަޤާފީ ހައްޤުތައް ލިބިދީފައިވާ މިންވަރު ބަލައި ހާލަތު ދެނެގަނެ، ލަފާއެރުވުމެވެ.

ދިވެހި ރާއްޖޭގައި ސަޤާފީ ހައްޤުތަށް ލިބިދީފައިވާ މިންވަރު ދެނެގަނެ، ޤާނޫނާއި ސިޔާސަތުތަކުގެ ތެރެއިން މި ހައްޤުތަށް ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަންނަން ބޭނުންވާކަމަށް ސްޕެޝަލް ރެޕަޓުއަރ ވިދާޅުވިއެވެ. އަދި ސަޤާފީ ހައްޤުތަކުގެ އޮނިގަނޑު ބިނާވެފައިވާ އިންސާނީ ހައްޤުތަކުގެ ހަމަތަކަށް ރާއްޖެއިން ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި ކަލްޗަރަލް ޑައިވަރސިޓީ އާއި ސަޤާފީ ހިޔާލު ފާޅުކުރުމަށް އިހްތިރާމްކޮށް އެކަން ކުރިއަރުވާ މިންވަރު ދެނެގަނަނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދީނީ ހަރުކަށި ފިކުރުތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ހަމަތަކާއި އެއްގޮތަށް، ސަޤާފީ ހައްޤުތައް ލިބިގަތުމަށާއި ތަފާތުކުރުމެއްނެތި، އާއްމު ތަންތަނުގައި މިފަދަ ހަރަކާތްތައް ހިންގައި ބައިވެރިވުމަށް ހުރި ގޮންޖެހުތަކަކީ ކޮބައިތޯ ތަހްޤީޤްކުރުމަށް ވަނީ ނިންމާފައެވެ.

އަދި ރާއްޖެގޭ ހާއްސަ ހާލަތަށް ވިސްނައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަޤާފަތަށާއި ސަޤާފީ ތަރިކައަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަށް މުރާޖަޢާ ކުރާނެކަމަށް ބެނޫން ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލާއި ގުޅިގެން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ސަޤާފަތައި ފަންނުވެރިކަން ބޭނުންކުރާ މިންވަރު ދެނެގަންނާނެކަމަށް ބޭނުން ވިދާޅުވިއެވެ. 

މި ޒިޔާރަތުގައި ބެނޫން ރާއްޖެގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް މާލެ އާއި ރަށްރަށުގެ އިދާރާތަކާއި ސަޤާފީ ދާއިރާގައި މަސައްކަތްކުރަމުންދާ މީހުންނާއި ބައްދަލުކުރައްވާނެއެވެ. މީގެތެރޭގައި ފަންނާނުންނާއި، އިލްމުވެރިންނާއި ކަމާއި ގުޅުންހުރިއިދާރާތަކުގެ ފަރާތްތައް ހިމެނޭނެއެވެ. ހަމައެހެންމެ މަދަނީ ޖަމާއަތްތަކާއި ޔޫ.އެން ތަމްސީލުކުރާ އިދާރާތަކާއި ބައްދަލުކޮށް، ސަޤާފީ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި ކުރެވިފައިވާ ތަޖުރިބާއާއި އަމަލުކުރަމުން އަންނަ އުސޫލުތަކާއި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރުން ހިމެނިގެން ދާނެއެވެ. 

ސްޕެޝަލް ރެޕަޓުއަރގެ ދަތުރުފުޅު ނިންމަވާލައްވަމުން، މި މިޝަންގެ ވަގުތީ ހޯދުންތައް ހިއްސާކުރުމަށް 18 ޖޫންވާ އަންގާރަ ދުވަހު މެންދުރު 1:30 ގައި މާގިރި ހޮޓެލްގައި ނޫސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ނޫސް ކޮންފަރެންސްގައި ބައިވެރިވާނީ ހަމައެކަނި ނޫސްވެރިންނެވެ.

އަދި މި ހޯދުންތަކުގެ ތަފްސީލު ރިޕޯޓެއް، ޔޫ.އެން ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންއެއްގައި ޙިއްޞާ ކުރުމަށް ވަނީ ނިންމާފައެވެ.

 

ޔޫ.އެން ސްޕެޝަލް ރެޕަޓުއަރ އިން ދި ފީލްޑް އޮފް ކަލްޗަރަލް ރައިޓްސްގެ މަގާމަށް ކަރީމާ ބެނޫން އައްޔަން ކޮށްފައިވަނީ އޮކްޓޯބަރ 2015 ގައެވެ.

ކަރީމާއަކީ ޔުނިވަރސިޓީ އޮފް ކެލިފޯނިޔާ-ޑެވިސް ސްކޫލް އޮފް ލޯގައި ހިއުމަން ރައިޓްސް އަދި އިންޓަރނޭޝަނަލް ލޯ ކޯސްތަކަށް ކިޔަވައިދެމުން އަންނަ ޕްރޮފެސަރއެކެވެ. މީގެއިތުރުން އިތުރުން، ބެނޫން އަކީ މާރޓިން ލޫތަރ ކިންގް ހޯލް ރިސަރޗް ސްކޮލަރއެކެވެ. ކަރީމާގެ ލިޔުންތަކާއި ރިސާރޗްތައްވަނީ މަޝްހޫރު ނޫސްތަކުގައިއާއި ޖާރނަލް ތަކުގައި ޝާއިއު ކުރެވިފައެވެ. ޔޫ.އެން ސްޕެޝަލް ރެޕަޓުއަރ އިން ދި ފީލްޑް އޮފް ކަލްޗަރަލް ރައިޓްސްގެ މެންޑޭޓް ހިއުމަން ރައިޓްސް ކައުންސިލްގެ 12/37 ރިސޮލިއުޝަންގެ ދަށުން އާ ކުރެވިފައިވާއިރު މި މެންޑޭޓްގައި ހުރިހާ ޤައުމެއް ހިމެނެއެވެ.

 

ސްޕެޝަލް ރެޕަޓުއަރ އަކީ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ޕްރޮސީޖަރސްގެ ތެރޭގައި ހިމެނޭ ބައެކެވެ. ސްޕެޝަލް ޕްރޮސީޖަރސްއަކީ ހިއުމަން ރައިޓްސް ކައުންސިލުން ވަކިވަކި ޤައުމުތަކުގެ ނުވަތަ ވަކި ދާއިރާއެއްގެ މައުލޫމާތު ހޯދައި ހާލަތު ވަޒަން ކުރުމަށް ޤާއިމްކޮށްފައިވާ ނިޒާމެކެވެ. ސްޕެޝަލް ޕްރޮސީޖަރސްގައި މަސައްކަތް ކުރަނީ ވޮލަންޓްރީ ބެސިސްއެއްގައި މަސައްކަތް ކުރާ ބޭފުޅުންނެވެ. އެއީ ޔޫ،އެންގެ މުވައްޒަފުންނެއް ނޫނެވެ. އަދި ކުރާ މަސައްކަތަށް އުޖޫރައެއް ނުލިބޭނެއެވެ. އެއީ އެއްވެސް ސަރުކާރެއް ނުވަތަ ޖަމާއަތެއްގެ ނުފޫޒު ނުފޯރާ އަމިއްލަ ގޮތުން މަސައްކަތް ކުރާ ފަރާތްތަކެކެވެ.

 

މިއަދު އޮންލައިން