ކަސްޓަމްސް ދާއިރާއިން މުވައްޒަފުން ބިނާކުރުމާއި ޤާބިލްކަން އިތުރުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އޮފް އިންޑިއާ (ސީ.ބީ.އައި.ސީ) އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގހެ ކަސްޓަމްސް އިން ބުނީ މިއީ، އިންޑިއާގެ ބޮޑުވަޒީރު ސްރީ ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ޤާއިމްކުރުމަށް ވެވޭ އެއްބަސްވުންތަކުގެ ތެރެއިން ކަސްޓަމްސްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް އެކުލަވައިލެވުނު އެއްބަސްވުމެއް ކަމަށެވެ.
ދިވެހިސަރުކާރުގެ ފަރާތުން މި އެއްބަސްވުން ބަދަލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުން ބަދަލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސަޑަރ ޝްރީ ސަންޖޭ ސުދީރުއެވެ.
މިއެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ސަރަހައްދީ ތަމްރީން މަރުކަޒެއްކަމަށްވާ އިންޑިއާގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސެސް އެންޑް ނާކޮޓިކްސް (ނާސިން) އާގުޅިގެން ކަސްޓަމްސް ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް، ޚާއްޞަގޮތެއްގައި ޓްރޭޑް ފެސިލިޓޭޝަން، ސަޕްލައިޗެއިން ސެކިއުރިޓީ، އަދި ބައިނަލް އަޤްވާމީ މިންގަނޑުތަކާއި މުއާހަދާތައް ތަންފީޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި މިދާއިރާތަކުން ދިރާސާތައް ހެދުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މުވައްޒަފުން ބިނާކުރުމުގެ އެންމެހާ ކަންކަން ތަންފީޒްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހިމެނިފައިވެއެވެ.
ކަސްޓަމްސްއަކީ ޤައުމުގެ އިޤްތިޞާދީ ދޮރާށި ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރާ މުއައްސަސާކަމަށްވާތީ، ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުމާއި، މަސްތުވާތަކެއްޗާ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމަށާއި، ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ތަމްރީނާއި ޤާބިލްކަން މުވައްޒަފުންގެ ކިބާގައި ހުރުމަކީ ވަރަށް މުހިންމު ކަމަކަށްވާހިނދު، އިއްޔެ ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން މިކަންކަން ޚާޞިލްކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.