ފާއިތުވި މޭ މަހު ކަސްޓަމްސް އިން ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެއްޖެއެވެ. 2018 ވަނަ އަހަރުގެ މޭ މަހު 236 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މޭ މަހު މި ޢަދަދުވަނީ 271 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މީގެއިތުރުން، ފާއިތުވި މޭ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މޭ މަހު މި ޢަދަދުވަނީ 3.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 22 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 21 އިންސައްތަ އަދި ސިންގަޕޫރުން 12 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ. ވޭތުވެދިޔަ މޭ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކަކީ ޗައިނާ، ޔޫ.އޭ.އީ، ސިންގަޕޫރު، އިންޑިއާ އަދި ސްރީލަންކާ އެވެ.