އެހީތެރިކަމަށް ބޭނުންވެގެންތިބި ކުދިންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމެއް ރާވައި ރަނގަޅު ގޮތުގައި ހިންގިއްޖެ ނަމަ ގިނަ ކުދިންތަކަކަށް ކުރިމަތިވެފައިވާ ހިތްދަތިކަން ފިލުވާލަ ދެވިދާނެއެވެ. ނިކަމެތި ޙާލުގައި ތިބި އެތައް ހާސް ކުދިންގެ ފަޤީރުކަން ނައްތައިލެވިދާނެއެވެ.
ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް ތަފާތު ސަބަބުތަކާއިހުރެ ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެން ޖެހިފައިވާ އެތައް ހާސް ކުދިން ރާއްޖޭގެ ކަންކޮޅުތަކުގައި އެބަތިއްބެވެ. އެއިގެ ތެރޭގައި ބައްޕައިން ނިޔާވެފައިވުން، ބައްޕައިން އަޅައި ނުލުން، ބައްޕަ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރެވިފައިވުން އަދި ދަރިން ގިނަވެ ލިބޭ އާމްދަނީން ނުފުދުން ފަދަ ވަރަށް ގިނަ ތަފާތު ސަބަބުތައް ފާހަގަކުރެވެއެވެ.
ތަފާތު ސަބަބުތަކާއިހުރެ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ހިންގާ ފަދަ ޕްރްޕގްރާމްތައް ރާއްޖޭގައިވެސް ހިންގިދާނެއެވެ. އެއްވެސް ޕްރޮގްރާމެއް ނެތިވެސް މިހާރުވެސް ބައެއް މީހުން ގެންދަނީ މިފަދަ ކުދިންނަށް އެހީތެރިވަމުންނެވެ.
"ރަށަކަށް ކުރި ދަތުރެއްގައި ބައްދަލުވި މަންމައަކީ 5 ކުދިން ގޮވައިގެން އެކަނިމާއެކަނި އުޅޭ އަންހެނެއް. އޭނާގެ ފިރިމީހާ ވީ ކުދިން ވަރަށް ކުޑައިރު ނިޔާވެފަ. އެހީވާނެ ތަނަވަސްކަމެއް ޢާއިލާއަކު ނެތް. އެހެންވެ އެކުދިން ދިރިއުޅެނީ ވަރަށް ނިކަމެތި ހާލަތުގަ. ސަރުކާރުން ދޭ އެލަވަންސަކުން ނުފުދޭ. ފުދޭނެ ވަރުގެ އެލަވަންސެއް ނުވެސް ދެވިދާނެ. އެ ޢާއިލާގެ ޙާލަތު އެނގުނު ފަހުން އަހަރެން މިގެންދަނީ ކޮންމެ މަހަކުވެސް ޢާއިލާއަށް އަހަރެންގެ ފެންވަރުން އެހީތެރިވެދެމުން." ކަމަށް މިއަދުނޫހަށް މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ.
ދިވެހިންނަކީ ޢާންމުގޮތެއްގައި ދީލަތި ބައެކެވެ. ޙާލުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރިންސުރެ އޮންނަ އާދައެކެވެ. ނަމަވެސް ފަހަކަށް އައިސް މީހުންގެ މަކަރު ހެދުން ބޮޑުވުމުން އެ ރީތި އާދައަށް ވަނީ އަސަރުކޮށްފައެވެ. އެހެންކަމުން ބޭނުންވަނީ އިތުބާރާއިއެކު އެހީތެރިވެދެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. ވެދޭ އެހީ ކުދިންނަށް ފޯރުކޮށްދެވޭކަން ޔަޤީން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމެވެ. އަދި އެހީތެރި މިވެވެނީ ޙައްޤު ކުޖަކަށްކަންވެސް ކަށަވަރުކުރެވުމެވެ.
ރަމަޟާން މަހު ބޭނުންވާ ކާޑުކޮޅު ނުލިބިގެން ކިޔޫގައި ޖެހި ގިނަ ބައަކު ވަރަށް ދަތިހާލުގައި އުޅެމުންދާ ކަމުގެ ވާހަކަ މިއަދުނޫހުގައި ޝާއިޢުކުރުމުން އެކަމުގެ ރަނގަޅު ނަތީޖާ ވެސް މާތް ﷲ ވާގިފުޅާއިއެކު ވަނީ ފެނިފައެވެ. ރަމަޟާން މަހުގެ އެންމެ ފަހުކޮޅު ބައެއް މީހުން ފައިސާ ހިފައިގެން ގޮސް އެމީހުންނަށް ބެހި މަންޒަރު ވަނީ ފެނިފައެވެ. އެކަމުން ވެސް އެނގެނީ ނިކަމެތި ޙާލުގައި ތިބި މީހުންނަށް އެހީތެރިވާން ބޭނުން ގިނަ ބައަކު އެބަ ތިބި ކަމެވެ.