އައްޑޫ ސިޓީގައި ހިންގާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި ޓޫރިސްޓަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެނބިގެން މަރުވީ އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ. މިއަދު މެންދުރެއްހާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
މިހާދިސާއާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ބައެއް ޓޫރިސްޓުން މިފަހަކަށް އައިސް ގެނބިގެން މަރުވާ ނުވަތަ އެފަދަ ހާދިސާތައް ދިމާވާ މިންވަރު އިތުރުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ގުޅިގެން އެފަދަ ހާދިސާތައް ހުއްޓުވޭނެ ގޮތްތަކެއް ހޯދަމުންނެވެ.