ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މާލޭގެ ވައިގައި އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ %10 އިތުރަށް ވިހަ މާއްދާތައް ހިމެނޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން"ސާފު ވަޔަށް ބައިސިކަލް" ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ބައިކް މޯލްޑިވްސް ގުޅިގެން މިއަދު ކުރިއަށް ގެންދިއަ ބައިސްކަލު ދުއްވުމުގެ ޙަރަކާތް ފެށުމަށް ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ވައި ތަޣައްޔަރުވާ މިންވަރު މާލެ ފަދަ އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި އިތުރުވާކަމަށާއި މާލެ ސަރަހައްދުގައި މިހާރު 58 ހާސް އިންޖީނުލީ އުޅަނދު ރަޖިސްޓްރީކޮށްގެން ދުއްވާކަމަށެވެ. އަދި މި އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށެވެ.

ހުޅުމާލޭ ފެރީ ޓާމިނަލުން ފެށުނު މި ހަރަކާތް ނިންމާލާފައިވަނީ ސޯޝަލް ސެންޓަރަށެވެ. ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 5 ވަނަ ދުވަސް ފާހަގަ ކުރެވެމުން ދަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައެވެ. މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެއަރ ޕޮލިއުޝަން" ނުވަތަ "ވައިގެ ތަޣައްޔަރުކަން" މިއެވެ. މި ޝިޢާރުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ވައި ތަޣައްޔަރުވަމުންދާ މިންވަރާއި، ވައިގެ ތަޣައްޔަރުކަމުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށާއި ވެއްޓަށް ލިބެމުންދާ ގެއްލުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އާއްމު ފަރުދުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އިންޖީނުލީ އުޅަނދުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދީ، އާއްމުންގެ މެދުގައި ބައިސްކަލު ދުއްވުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.

ދުނިޔޭގައި ކޮންމެ އަހަރަކު 7 މިލިއަން މީހުން ވައި ނުސާފުވުމާއި ގުޅިގެން ޖެހޭ ބަލިތަކުން މަރުވެއެވެ. އެއީ ކޮންމެ 8 މީހަކުން އެކެކެވެ. ދުޅަ ހެޔޮ ސިއްޙަތަކަށް ދުޅަހެޔޮ ތިމާވެއްޓެއް ބޭނުންވެއެވެ. ވައި ތަޣައްޔަރުވާ މިންވަރު ކުޑަ ކުރަންޖެހެއެވެ. އެހެންކަމުން އިންޖީނުލީ އުޅަނދުތަކުން ނާއި ޑީސެލް ފަދަ ތަކެތިން ޖައްވައް ދޫކުރާ ވިހަ މާއްދާތައް މަދު ކުރަންޖެހެއެވެ.
2012 ވަނަ އަހަރު، ޑީސަލް ދުމުން ބޭރުވާ އެގްޒޯސްޓަކީ ގްރޫޕް 1 ކާސިނޯޖެން އެއް ގޮތުގައި އިންޓަނޭޝަނަލް އޭޖަންސީ ފޮ ރިސާޗް އޮން ކެންސަރ (ނުވަތަ IARC) އިން ވަނީ ކަނޑައަޅާފައެވެ.