"ސްޓޫޑެންޓްސް އޮފް އެންވަޔަރަންމަންޓް" އަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
"ސްޓޫޑެންޓްސް އޮފް އެންވަޔަރަންމަންޓް" އަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދީފި

ސްޓޫޑެންޓްސް އޮފް އެންވަޔަރަންމަންޓަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދީފިއެވެ. 

މިއީ ސްކޫލް ދަރިވަރުންގެ މެދުގައި ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށީގެ މައްސަލަތަކާމެދު ވިސްނައި އެ މަސައްލަތައް ހައްލުކުރުމުގައި ދަރިވަރުންގެ ފެންވަރުން ކަންތައްތަކެއް ކުރުމަށް ހިއްވަރުދިނުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ބޭއްވި ދެވަނަ 'ދަރިވަރުންގެ ޤައުމީ ތިމާވެށީގެ މަހާސިންތާ' އެވެ. 

ފުރަތަމަ މަހާސިންތާ ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް 20-21 އަށް ދަރުބާރުގޭގައެވެ. މިމަހާސިންތާގާއި 41 ސްކޫލަކުން ޖުމްލަ 325 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާ ނިންމާލާފައިވަނީ 'އަހަރަމެންގެ ތިމާވެށީގެ ކުރިމަގު ބައްޓަންކުރުން' ގެ ނަމުގައި ކަރުދާހެއް ބައިވެރިންގެ މެދުގައި އިއްތިފާގުވެ ބަލައިގަނެގެންނެވެ. މި ކަރުދާހުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލެވިފައިވާ ދާއިރާތަކަކީ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުން، ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުން އަދި ކުނި މެނޭޖްކުރުމެވެ. މި މަހާސިންތާ އަކީީ ކޮންމެ 2 އަހަރަކުން 1 އަހަރު ބާއްވާ މަހާސިންތާއެކެވެ. 

ދަރިވަރުން ނިސްބަތްވާ ރަށުގައި ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައެއް ހައްލުކުރުމަށް، ދަރިވަރުންގެ ފެންވަރުގައި ހިންގިދާނެ ޕްރޮޖެކްޓެއްގެ ޕްރޮޕޯސަލްއެއް އެކުލަވާލައި ހުށަހެޅުމުގެ ދައުވަތު ސްކޫލްތަކަށް ހުޅުވާލީ 2018 ވަނަ އަހަރު އެވެ. 

ދަރިވަރުން ހުށަހެޅި ޕްރޮޕޯސަލްތަށް ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ވަނީ ފަންނީ ލަފާ ދީފައެވެ. އެ މަހާސިންތާގެ މައިގަނޑު މަޢުޟޫއެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުމެވެ. 

53 ސްކޫލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު މި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި 10 ސުކޫލަށް މި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތަށް ބޭނުންވާ މާލީ އެއްބާރުލުން ދިނުމަށް މިރޭގެ ރަސްމިއްޔާތުގައި އެ ސްކޫލުތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ދެމެދު ވަނީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު އަލީ އެވެ. 

މި މިހާސިންތާގެ ސަބަބުން ސްކޫލްތަކުގެ ތިމާވެށި ކްލަބްތކުގެ ހަރަކާތްތެރިކަން އިތުރުކުރުމަކީ މިނިސްޓްރީގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މިކަމަށްޓަކައި އިމާދުއްދީން ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީ އެވެ.

 

 

މިއަދު އޮންލައިން