ރައްޔިތުން ބަލައިގަންނަ ފަދަ އުސޫލުތަކަށް އަމަލު ކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ ދެފުށް ފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އިންސާފު ގާއިމްވެގެންދާ ތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ޢައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ވަކީލުންނާއި އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާގެ އެހެން މުއައްސާތަކުގެ މީހުންނަށް މިއަދު އިސްލާމީ މަރުކަޒުގައި ފެށި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބިޝާމް ވިދާޅުވީ ޖިނާޢީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް މުއައްސާތައް އަދިވެސް އަހުލުވެރި ނުވުމަކީ ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށެވެ. އެގޮތުން ކުދި ކުށްތައް ކުރާ މީހުންނަށް ލިބިދެވެން ހުރި ލުއިތަކަށް އަހުލުވެރި ނުވުމަކީ އެއް މަސަލައިގެ ގޮތުގައި ބިޝާމް ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމާއިއެކު ޖިނާޢީ އަދުލުގެ ނިޒާމު ފައްކާ ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މި ކުރާ މަސައްކަތްތަކުން މި ކަން ވެސް ހާސިލުވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ބިޝާމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނެތުން ކަމަށްވުމުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެއީ ދެމެހެއްޓެނިވި ބަދަލުތަކަކަށް ވާންޖެހޭ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ކަމާއިބެހޭ އިދާރާތަކުން ގަވައިދުތައް ހަދަން ޖެހޭ އިރު އެ ގަވައިދުތައް މިއަދާއި ހަމައަށްވެސް އެކުލަވާލާފައި ނުވާތީ ބިޝާމް ވަނީ ކަންބޮޑުވުން ފައުޅު ކުރައްވައިފައެވެ. "ގަވައިދުތައް ނުހެދި ލަސްވުމުގެ ނަތީޖާ އަކީ، މުޅި ޖިނާއީ އަދުލުގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރުން. އެހެންވެ، ގަވައިދު އެކުލަވައިލުމާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ފަދަ މަސައްކަތްތައް އަވަސް ކުރަން ޖެހޭ." ކަމަށްވެސް ބިޝާމް ވިދާޅުވިއެވެ.