އަލިއާ ގްރޫޕްގެ ފަރާތުން ކުރިއަށް ގެންދާ 5 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފަށައިފިއެވެ.
ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި އެ ގްރޫޕުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސަޢީދު ވިދާޅުވީ މިއަހަރަކީ ގްރޫޕަށް 55 އަހަރު ފުރޭ އަހަރު ކަމަށާއި މި އަހަރުގެ ހަރަކާތްތައް ތަފާތުވާނެ ކަމަށެވެ. އެގޮތުން 18 އަހަރު ފުރުމުން ލޭ ހަދިޔާ ކުރުމަށް ޝައުޤްވެރިކުރުވަން މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.
ސަޢީދު ވިދާޅުވީ އުމުރުން 40 އަހަރުވެގެންދާއިރުވެސް ލޭ ހަދިޔާ ކުރަން ބިރުގަންނަ ބައަކު އެބަތިބި ކަމަށާއި އެ ބިރު ނައްތަލަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ 18 އަހަރުވުމުން އެންމެ ފަހަރަކުވެސް ލޭ ހަދިޔާކޮށް އެއީ އެއްވެސް ބިރެއް ނެތްކަމެއްކަން ޤަބޫލުކުރެވޭނެ ގޮތަކަށް މަސައްކަތްތައް ކޮށްގެން ކަމަށެވެ.

ސަޢީދު ފާހަގަކުރެއްވި ގޮތުގައި ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރު އެކަށީގެންވާ ގޮތަކަށް ނުބެލެހެއްޓޭތީ މައްސަލަތައް ދަނީ ކުރިމަތިވަމުން ކަމަށެވެ. އެހެންކަމުން ލޭ ނަގާ ކޮންމެ ސެންޓަރަކަށް ލޭ ހަދިޔާކުރަން ދިއަ ނަމަވެސް އެމީހަކު އެންމެ ފަހުން ލޭ ހަދިޔާކުރި ދުވަހާއި އަދި އެނޫންވެސް މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސަން ޖެހިފައިވާ ކަމަށެވެ.
ލޭ ހަދިޔާ ކުރުމުގެ ކޭމްޕް އެ ގްރޫޕުން ކުރިއަށް ގެންދާ ސަބަބު ބަޔާން ކުރައްވަމުން ސަޢީދު ވިދާޅުވީ ތަންތަން ސާފުކޮށްލައި ދިނުމާއި ފައިސާ ހަދިޔާ ކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަންކަން ކަމަށެވެ. ފައިށާ ހަދިޔާ ކުރުމުން މި ހަދިޔާ ކުރެވެނީ އެންމެ ޙައްޤު ފަރާތަށް ކަމާއިމެދު ސުވާލު އުފެދުނު ނަމަވެސް ލޭ ހަދިޔާ ކުރުމުން އެ ލޭ ލިބިގެންދާނީ އެންމެ ޙައްޤު ފަރާތަށްކަން ޔަޤީން ކުރެވޭ ކަމަށެވެ.
ލޭހަދިޔާ ކުރުމުގެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅުވައިގެންނެވެ.