ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މެދުތެރޭގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމުގެ އިންޒާރާއެކު ވައިޓް އެލާރޓު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެތް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ހަވީރު 16:00 އާއި ހަމައަށެވެ.
މެދުރާއްޖެތެރެއަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، މިއަދު ހަވީރު 18:00 އާއި މޫސުން ލަފާ ކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހުންނާނީ 2-4 ފޫޓު ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.