ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީ ފިޔަވައި އެހެން ފަނޑިޔާރެއްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި ނެތް ކަމަށް އެ ކޮމިޝަނުންބުނެފިއެވެ.
ޖޭއެސްސީ މިހެން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށް ބަޔަކު ޖޭއެސްސީއަށް ޝަކުވާ ހުށަހެޅި ކަމަށް އަޑުފެތުރުމާއި ގުޅިގެންނެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމުން އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުމުން ޖޭއެސްސީން ނިންމީ ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ލިބިފައިވާ ނިންމުމެއް ކަމަށް މަޖިލީހުން ފާސްކުރުމަށް ވެސް މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.