ކުވައިތު ފަންޑާއި އީޔޫ އިން އެކަނިވެސް 50 މިލިއަން ޑޮލަރާއި 50 މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދޭނެކަން މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި ރާއްޖޭގެ 4 ވަނަ އިންވެސްޓްމަންޓް ފޯރަމްގައި ހާމަކޮށްފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރަން މިހައިތަނަށް އެންމެ ބޮޑަށް އެހީތެރިވެދީފައިވާ ކުވައިތު ފަންޑުން ދޭ އެހީގެދަށުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރު 50 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނެއް ދިނުމަށް މިއަދު ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ރާއްޖެއަސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެހީވުމަށްވެސް ކުވައިތު ފަންޑުންވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތަޢާރަފުކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވުމުގެގޮތުން މިކަމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެހީތެރިވުމަށް ކުވައިތު ފަންޑުންވަނީ އެއްބަސްވެފައެވެ.
އީޔޫ އިން ވަނީ ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ރާއްޖޭގެ 20 ރަށެއްގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ހުއްޓުވުމަށް 5 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށާއި ރާއްޖޭގައި އަވިން ކަރަންޓު އުފެއްދުމަށް ހިންގާ ޕްރޮޖެކްޓު ހިންގުމަށް 45 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް އެއްބަސްވެފައެވެ.
ފޯރަމްގެ ބައިވެރިންގެ ފަރާތުން ވަނީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމަށާއި މެރިޓައިމް ސޭފްޓީ ވަރުގަދަކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާކަން ފައުޅުކޮށްފައެވެ.