މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019 ގެ ފުރަތަމަ ދުވަސް ކާމިޔާބު ކަމާއެކު ކުރުނބާ މޯލްޑިވްސްގައި ނިންމާލައިފިއެވެ.
މި ފޯރަމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯރަމް ފައްޓަވައިދެއްވަމުން ޖަޒީރާ ރާއްޖޭގެ ތަސައްވަރު ހާމަކޮށްދިނުމަށް ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވާފައެވެ.
ފޯރަމްގައި މިއަދު ވަނީ 3 ޕްލިނަރީ ސެޝަންއެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ ދިވެހިރާއްޖޭގެ މިވަގުތުގެ މާލީ އަދި އިޤްތިޞާދީ ހާލަތުގެ މައުލޫމާތު ދިނުމަށް ބޭއްވި މެކްރޯއިކޮނޮމިކް އެންޑް ފިސްކަލް އޯވަރވިއު ސެޝަނެވެ. މި ސެޝަންގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ޕްރެޒެންޓޭޝަންތައް ދެއްވާފައެވެ.
ދެވަނަ ޕްލެނަރީ ސެޝަން ފައްޓަވައިދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިޖްތިމާޢީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން އަލިއަޅުއްވާލެއްވިއެވެ.
ދެވަނަ ޕްލެނަރީގައި ނޫ އިޤްތިޞާދާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުއިރު، އިކޮމިނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ކޮންސަލްޓަންޓް ޝުހާދު އިބްރާހިމް ވަނީ ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިޤްތިޞާދީ ދާއިރާ ތަރައްޤީކުރުމާއި ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.
ތިންވަނަ ޕްލެނަރީ ކުރިއަށްދިޔައީ އިޖްތިމާޢީ ދާއިރާއާއި ގުޅޭ ގޮތުންނެވެ. އެގޮތުން ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްޤީކުރުމާއި، ސަޤާފީ އަދި ޒުވާނުންނާއި ގުޅޭ ކަންކަމުގެ އިތުރުން ބޯހިޔާވަހިކަމާއި ބެހޭ ގޮތުން މި ސެޝަންގައި މަޝްވަރާކުރެވުނެވެ. މި ސެޝަންގައިވެސް އިޖްތިމާޢީ ދާއިރާގައި ހަރަކާތްތެރިވާ ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުން ވަނީ ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައެވެ.
ފޯރަމްގެ ހަވާސާގައި މިފޯރަށް އެކި ޤައުމުތަކުން ވަޑައިގެންނެވި މަންދޫބުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ވަނީ ދައުލަތުގެ ވަޒީރުންނާއިއެކު ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
މާދަމާވެސް ފޯރަމްގެ 2 ސެޝަން ކުރިއަށްދާނެއެވެ.