"ކޮމާންޑަރ" ގެ ނަމުން ނަމް މަޝްހޫރުވެފައިވާ، އެމްޑީޕީގެ ސަޕޯޓަރެއް ކަމުގައިވާ އާދަމް މޫސާ ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ކޮމާންޑަރ ނިޔާވެފައިވަނީ އިންޑިއާގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރެވެ. ސިއްޙީ ހާލަތު ދަށްވުމުގެ ސަބަބުން އޭނާވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު އައިޖީއެމްއެޗް ގައި އެޑްމިޓުވެސް ކޮށްފައެވެ.
ސްކޫލެއްގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައި އުޅުނު "ކޮމާންޑާރ" އާދަމް މޫސާ އަބަދުވެސް ފެނިފައިވަނީ، ރީނދޫ ކުލައިގެ އޭނާގެ ޚާއްސަ ޔުނީފޯމުގައެވެ. އޭނާއަކީ އޭނާގެ ހަރަކާތްތަކުން ގިނަ ބަޔަކު ހެއްވާލާ، އޭނާގެ މައްޗަށް އިޚްތިރާމް އުފައްދާފައިވާ މީހެކެވެ.
އާދަމް މޫސާ ނިޔާވުމާއި ގުޅިގެން އާންމުންގެ އިތުރުން ބައެއް ސިޔާސީ ބޭފުޅުން ވެސް ވަނީ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ..
"މަރްޙޫމް އާދަމް މޫސާ އަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ހިންގި އިސްލާހީ ހަރަކާތްތަކުގަ އޭނާގެ ޔުނީފޯމާއި ލުއި ހަރަކާތްތަކުން އުންމީދު ގެނެސްދެއްވި ޝަޚްސިއްޔަތެއް. ކީރިތި ﷲ މަރްހޫމަށް ހެޔޮ ރަޙްމަތްލައްވާ އޭނާގެ ފާފަ ފުއްސަވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި!"
إنَّا لِله وَإِنَّا إِلَيْه رَاجِعُون
Marhoom Adam Moosa akee veythuve dhiya aharu thakugai raajjeygai hingi islaahee harkaaiythakugai eynage uniformaa lui harakaaiythakun ummeedhu genesdhevvi shakhsiyyatheh. Keerithi Allah marhoomah heyo rahumaiy lavvaa eynaage faafa fussavaashi! Aailaah keiytherikan dhevvashi! pic.twitter.com/Be657IpsWd
— Ameen Ibrahim (@ameenmaldives) June 19, 2019