ނައިބު ރައީސް މޮޅަދޫއަށް ޒިޔާރަތް ކުރައްވާ އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 37ސ
ނައިބު ރައީސް މޮޅަދޫއަށް ޒިޔާރަތް ކުރައްވާ އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. 

މޮޅަދޫ ރަށު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުވުމުގައި، ރަށުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވިއެވެ. އަދި ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ބެއްލެވުން ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ. 

މިބައްދަލުވުމުގައި މޮޅަދޫ ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް އަސާސީ ޚިދުމަތްތައް އަދިވެސް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މައުލޫމާތު ނާއިބު ރައީސާއި ޙިއްޞާ ކުރެއްވިއެވެ. އަދި ރަށުގެ ބަނދަރު މަޝްރޫޢާއި ސްކޫލާއި ޞިއްޙީ މަރުކަޒުގެ ހުރި ދަތިތައް ފާހަގަ ކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލު ކުރެއްވިއެވެ. 

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ބާރު ދުވެއްޔެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލުން އިސްނަގައިގެން ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. 

މި ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތަކަށް މޮޅަދޫ ފެނަކަ އޮފީހުން ހަމަ ޖައްސައިދެއްވި ވަޒީފާގެ ލިއުން އޭނާއާ ހަވާލުކޮށްދެއްވާފައެވެ.

މިއަދު އޮންލައިން