ހިރިގަލުގެ މަސައްކަތް ދަސްކޮށްދޭން ކުރިއަށް ގެންދާ ޘަޤާފީ ހިރިގަލުވަޑާން ކޯސް އިފްތިތާހުކޮށްފިއެވެ. މި ކޯހަކީ މަޓީ އާއި ގަދީމީ ކަލެކްޝަން އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
ކޯސް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ބުނީ ހިރިގަލުން ބްލޮކްހަދައި ބްލޮކްތައް ގުޅުވައިގެން ތަންތަން ހެދުމުގެ މަސައްކަތަކީ ހަމައެކަނި ދިވެހިރާއްޖެއަށް ޚާއްޞަ މަސައްކަތެއް ކަމަށެވެ. އަދި އެގޮތަށް ތަންތަން ހަދާފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ކަމަށެވެ.

ހިރިގަލުވަޑާމަކީ ހިރިގާ މޫދުން ނެގުމަށްފަހު އެ ގައު ކީހައި، ޑިޒައިންކޮށް އެ ގައު ބޭނުންކޮށްގެން ތަންތަން ހެދުމެވެ. ނުވަތަ ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް ގައު ޑިޒައިން ކުރުމެވެ.
މިކޯސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ ފެނިގެން މިދަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅައުކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަން ބޭނުންވާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ކަންކަން ކަމަށެވެ.
ރާއްޖޭގެ ފަރުތަކުން ގައު ނެގުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ.