ފުލުހުން ރޭ ހިންގި އޮޕަރޭޝްނެއްގައި އއ ތޮއްދޫގައި ހިންގާ ގެސްޓް ހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ ގެސްޓް ހައުސްގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 67 ފުޅި ބަނގުރަލާއި 74 ދަޅު ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި އަދި މިހައިތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ނުވާކަމަށްވެސް ބުނެއެވެ.
ގެސްޓް ހައުސް ހިންގާ ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުން ބަނގުރާ ފެނުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރޭގައި ބިކިނީގައި ފަތުރުވެރިން އުޅުމުގެ މައްސަލަތަކަށްވެސް ހައްލެއް އަދި މިހައިތަނަށް ހޯދިފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ.