ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން 31 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހދ.ނޮޅިވަރަންފަރުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހދ.ނޮޅިވަރަންފަރުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ.
ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ބ.ދަރަވަންދޫ، ރ.މަޑުއްވަރީ، އަދި ށ.ފޯކައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާ، މިދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ. މުޅި މަޝްރޫއަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) ޔޫ.އެސް ޑޮލަރު ދިވެހި ސަރުކާރަށް ވަނީ ލިބިފައި. މިފައިސާ ދިވެހި ސަރުކާރަށް ލިބިފައި ވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.
ހދ.ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.
މި މަޝްރޫޢުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.
މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ޙަވާލުކުރެވިފައި ވަނީ 31,846,106.82ރ. (ތިރީސް އެއް މިލިއަން އަށްސަތޭކަ ސާޅީސް ހަ ހާސް އެއް ސަތޭކަ ހަ ރުފިޔާ އަށްޑިހަ ދެ ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ހދ.ނޮޅިވަރަންފަރުގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ.