ބީލަމުގެ މައްސަލަތައް ބެލުމަށް މުސްތަގިއްލު ރިވިއު ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ޖުމަލް ފަސް މެމްބަރަކު ތިއްބަވާ މިކޮމިޓީ އެކުލަވާފައި ވަނީ، ފިނޭންސް މިނިސްޓްރީގެ ތިން ބޭފުޅަކާއި އެޓާނީ ޖެނެރަލް އޮފީހުގެ ދެ ބޭފުޅަކު ހިމެނޭ ގޮތަށެވެ.
މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ބީލަމުގެ މަސައްކަތުގެ މަރުހަލާތައް ހަރުދަނާކުރެވި، ރައްޔިތުންގެ އިތުބާރު އެ މަސައްކަތަށް އަލުން އަބުރާ ހޯދުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާލުވެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ކޮމިޓީގެ އުފައްދާފައިވަނީ ބީލަމުގެ އިދާރީ ކަންކަމާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އެ އޮފީހަކުން ބެލުމަށް ފަހު ނިންމާ ގޮތާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަން އަލުން ބަލައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމުން އެ މައްސަލަތައް ބެލުމަށްކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17 ވަނަ ބާބުގައި ބަޔާންކުރާ ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީ އަށް މައްސަލައެއް ހުށަހަޅާތާ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމައި، ނިންމި ގޮތް އެ މައްސަލައެއް ހުށަހެޅި ފަރާތަކަށް އެންގޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.