ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ "ހުނަރުވެނި 2019" ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހުޅުއްވައި ދެއްވައިފިއެވެ. ދަރުބާރުގޭގައި މިއަދު ފެށި ހުނަރުވެނި 2019 އަކީ ޓިވެޓް އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މިއަދު ހެނދުނު ފެށި ހުނަރުވެނި 2019 ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރިން ބިނާކޮށް، ފަންނުވެރިން އުފައްދައި އަތޮޅުތަކުގެ ތަރައްޤީގައި އެފަދަ މަސައްކަތްތެރިންގެ ބައިވެރިވުން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަމަށެވެ.
ޤައުމެއް ކުރިއަރައިދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތާއި، މަސައްކަތްތެރީން ހިމެނިގެންކަމަށާއި ކޮންމެ މަސައްކަތަކީވެސް މުހިއްމު މަސައްކަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދަރިންގެކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރު ފާހަގަކޮށް އެ ދާއިރާތަކުން ދަރިން ކުރިއަށް ދިޔުމުގެ ފުރުޞަތުދީ ހިތްވަރުދިނުމަށް މައިންބައިފައިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މިއަދު ފެށި މި ހަރަކާތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ތަފާތު ގިނަ ކަންތައްތައް ދަސްވެ، ޒުވާނުންގެ ހިތުގައި އެކަންކަމަށް ޝައުޤުވެރިކަން އުފެދި، ކުރިއަށް އޮތް ތަނުގައި، ޤައުމުގެ ތަރައްޤީގައި ކުރިއަށްވުރެ ބޮޑަށް ޒުވާނުން ޝާމިލުވެ އުޅެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. ނައިބު ރައީސް ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި، އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި މީހަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން، ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ހަމަޖައްސައިގެން އުޅޭ މީހާކަން ފާހަގަކުރެއްވިއެވެ.