މާފުށީ ޖަލު ބަލަހެއްޓުމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުން ހަޅުތާލުކުރަމުންދާކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ކަރެކްޝަނުން ދޮގުކޮށްފިއެވެ.
ކަރެކްޝަނުން ބުނެފައިވަނީ ޖަލު ބެލެހެއްޓުމުގެ ކަންކަން އެހެން ދުވަސްތަކެކޭ އެއްގޮތަށް ކަރެކްޝަންގެ އޮފިސަރުން ކުރަމުން ގެންދާކަމަށާ އެ ސާރވިސްގެ އޮފިސަރުން ހަޅުތާލުކުރަމުންދާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.
ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް އޮފިސަރެއް ގާތު ގައިދީއަކު އެދުމުން އެކަމަށް އިންކާރު ކުރުމުންނެވެ.
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބަލާ ނިމެންދެން މާފުށި ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރު ސަސްޕެންޑް ކުރަން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަނީ އަންގާފައެވެ.