ގއ. އޮޑެގައްލާގައި ރިސޯޓެއް ނުކުރެވޭނެ ކަމަށް ބުނެ، އެތަނުގައި ކުރިއަށް ގެންދަން އުޅުނު ރިސޯޓު މަޝްރޫއު ޤަބޫލު ނުކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އީޕީއޭ އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އޮޑެގައްލާގައި ރިސޯޓެއް ތަރައްޤީ ކޮށްފިނަމަ، އެރަށުގެ ތިމާވެށީގެ އެންމެ ޚާއްސަ އެއް ސިފަ ކަމުގައިވާ ދޫނި މާހައުލު ގެއްލިދާނެ ކަމަށާއި އެރަށަކީ ބައެއް ދުވަސްވަރު ވެލާ ބިސް އަޅަން އަރާ ރަށަކަށްވާއިރު، އެރަށުގެ ފަރަކީ ނުހަނު މުއްސަނދި ފަރެއް ކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.
އޮޑެގައްލާގައި ރިސޯޓެއް ތަރައްޤީ ކޮށްފިނަމަ، ތިމާވެއްޓަށް އިއާދަނުކުރެވޭފަދަ ގެއްލުންތަކެއްވާނެކަން ފާހަގަކޮށް އީޕީއޭ އިން ބުނެފައިވަނީ އެރަށަކީ ހުވަދު އަތޮޅާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ މަސްވެރިން އެންވެރިކަމަށް ބޭނުންކުރާ ވަރަށް މުހިންމު ސަރަޙައްދެއް ކަމަށެވެ. އެހެންކަމުން އެރަށުގައި ރިސޯޓެއް ގާއިމްކޮށްފިނަމަ އިޖުތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް އީޕީއޭ ގެ ރިޕޯޓުގައި ބުނެފައިވެއެވެ.