ޙައްޖު ކޯޓާ ދޫކުރުމުގަ ތަހުގީގު ކުރަންޖެހޭ ކަންކަން ފާހަގަވީ ނަމަވެސް, ޙައްޖުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ލަފާދީފަވާނެ: އޭސީސީ

ކިޔުމަށް ހޭދަވާނީ 2މ 1ސ
ޙައްޖު ކޯޓާ ދޫކުރުމުގަ ތަހުގީގު ކުރަންޖެހޭ ކަންކަން ފާހަގަވީ ނަމަވެސް, ޙައްޖުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ލަފާދީފަވާނެ: އޭސީސީ

މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ޙައްޖު ކޯޓާ ދޫކުރުމުގައި ތަޙުގީގު ކުރަންޖެހޭ ކަންކަން ފާހަގަކުރެވިފައި ވީނަމަވެސް ޙައްޖުގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ލަފާދީފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ހާމަކޮށްފިއެވެ.

 

މިއަހަރު ޙައްޖަށް މީހުންގެ ގެންދާނެ ކުންފުނިތައް ހޮވުމުގައި އިސްލާމިކް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ މައްސަލަތަކެއް އޭސީސީން ވަނީ ތަޙުޤީޤުކުރަން ފަށާފައެވެ.

 

އެގޮތުން ހުށައަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބާޠިލްވާނެކަމަށް އުސޫލްގައި ބަޔާންކޮށްފައި ވީނަމަވެސް ލިޔެކިއުންތައް ފުރިހަމަނުވާ ބައެއް ކުންފުނިތައް ޕްރޮޕޯސަލް އިވެލުއޭޝަންގައި ބައިވެރިކުރި މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ. އަދި ޕްރޮޕޯސަލްތަކަށް މާކުސް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ޢަމަލުކޮށްފައިވާ މައްސަލައެއްވެސް އެކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

 

އޭސީސީގެ ނައިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، އެ ކޮމިޝަންގެ ތަޙުޤީޤަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާއި، އެކަންކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާކަމަށެވެ. އެހެންނަމަވެސް ޙައްޖުގެ ކަންކަމަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށްވާތީ އެ ތަޙުޤީޤާއި ގުޅިގެން ޙައްޖުގެ ކަންކަން ލަސްވާނަމަ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެކަމަށް ޤަބޫލުކުރެވޭކަމަށް ވެސް މުޢައްވިޒު ވިދާޅުވިއެވެ. އެހެންކަމުން ޙައްޖުގެ ކަންކަން ނުހުއްޓޭނެހެން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ސިޓީއަކުން މިހަފްތާގެ ތެރޭގައި އަންގާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މުޢައްވިޒް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުންފުނިތަކަށް ޙައްޖު ކޯޓާ ދޫކުރުމުގައި ގިނަ މައްސަލަތައް ހުރިކަން އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ.

 

"ކޮމިޝަނަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވީނަމަވެސް ޙައްޖުގެ ކަންކަން ހުއްޓާލާކަށް އަދި އަންގާފައެއް ނުވާނެ. ކޮމިޝަންގެ ފަރާތުން ރަސްމީކޮށް މިނިސްޓްރީއަށް ސިޓީއަކުން މިހަފްތާގަ އެގޮތަށް އަންގާފައިވާނެ. އެއީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން ހުރިކަމަކަށްވާއިރު ލަސްވާނަމަ ރައްޔިތުންގެ ކަންބޮޑުވުންހުރިކަމަކަށްވާތީ އެކަން ނުހުއްޓޭނެހެން ކުރިއަށް ގެންދިއުމަށް ވާނީ އަންގާފަ. ނަމަވެސް މައްސަލަ އެކީ އަދި ނުނިމޭ." އެސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން