ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ގާނޫނު އަސާސީއަށް 4 އިސްލާހެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ގާނޫނު އަސާސީއަށް 4 އިސްލާހެއް!

ގާނޫނު އަސާސީއަށް ގެންނަ 4 އިސްލާހަކާއެކު 201 އަށްވުރެ ގިނަ ބިލް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައިވާ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތު މިހެންވިދާޅުވީ ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ މައުލޫމާތު ދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ލެޖިސްލޭޓިވް އެޖެންޑާ ދަށުން ގާނޫނު އަސާސީއަށް ގެންނަ ހަތަރު އިސްލާހަކީ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އިސްލާހުކުރުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު އިސްލާހުކުރުމުގެ ބިލާއި، އެންޓި ޑިފެކްޝަން ބިލު އަދި މިނިވަން މުއައްސަސާތައް އިސްލާހުކުރުމުގެ ބިލެވެ.

މީގެއިތުރުން މި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 201 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އޭގެ ތެރެއިން 47 ބިލެއް މި އަހަރު ތެރޭގައި ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ފަސް އަހަރަށް ލެޖިސްލޭޓިވް އެޖެންޑާ އިއުލާން ކުރިޔަސް، އެއިރެއްގެ ހާލަތަށް ބަލައި ބިލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށާއި އެގޮތުން އަހަރަކު އެއް ފަހަރު މުޅި އެޖެންޑާ މުރާޖާ ކުރާނެ ކަމަށެވެ.

 

މިއަދު އޮންލައިން