ރާއްޖޭގައި ކުރަން ހުރި މަސައްކަތްތައް ކުރުމަށްޓަކައި މަސައްކަތްތެރިން ބިނާކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައި ނެތް ކަމަށާއި އެކަމަށް ސްކޫލްދައުރުން ފެށިގެން މަސައްކަތް ފަށަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް ވިދާޅުވީ މީހުން ބިނާކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެންޖެހޭނެ ކަމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރިން ބިނާކުރުމަށްޓަކައި، ފަންނުވެރިން އުފެއްދުމަށްޓަކައި، މަސައްކަތްތެރިންގެ މަސައްކަތް، އެ އަތޮޅުތަކުގެ ތަރައްޤީއަށް ލިބުމަށްޓަކައި އިރާދަކުރެއްވިއްޔާ ގިނަގުނަ މަސައްކަތްތަކެއް މިސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ރަނގަޅަށް ބަލައިފިނަމަ ބޮޑަށް މި ފެންނަނީ ޒުވާނުން މުޅިންވެސް ކުޅިވަރާއި މަޖަލުގެ ތެރޭގައި، އެކަންކަމުގެ އަވާގައި ހަމައެކަނި ޖައްސާފައި، ކޮންމެވެސް ފައިދާއަކަށް ދޫކޮށްލެވިފައި ތިބޭތަން ކަމަށާއި އެކަން އެގޮތަށްކުރަނީ ކޮންބޭނުމަކުކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެގޮތަށް ދޫކޮށްލާފައި ބައިތިއްބަނީ ކޮންމެވެސް ފައިދާއެއް ނެގުމަށް ކަމަށާއި މިއީ ފެންނަމުންދާ ޙަޤީޤަތް ކަމަށެވެ.
އެހެންނަމަވެސް އެއީއަކީ ހެޔޮއެދޭ ބައަކު، ހެޔޮއެދޭ ސަރުކާރަކުން، ހެޔޮއެދޭ ވެރިއެއް، ދުވަހަކުވެސް ކަންތައް ކުރާނެ އުޞޫލެއް ނޫން ކަމަށާއި ޤައުމަށާއި ރައްޔިތުންނަށް ހެޔޮ އެދޭނަމަ ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކމަށެވެ.
"މިކަންތައްތަކަކީ މިއީ އަޅުގަނޑު ދަންނަވާނީ، އެންމެ ޅަފަތުން، ސްކޫލް ދައުރުން ފެށެންޖެހޭ ކަންތައްތަކޭ. އާދެ، މިއަދު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް، ތަޢުލީމީ ޙަޔާތަށް ގިނަގުނަ ބަދަލުތަކެއް، ﷲ އިރާދަކުރެއްވީތީ އަންނަމުން އެބަދޭ. މުޅި ދިވެހި ސަރުކާރުން ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒު ހިފާފައި ހުރީ ތަޢުލީމީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި. މިއަދުގެ ޅަދަރީންނަށް ދެވޭ ތަޢުލީމުން ފެށިގެން މާދަމާ ތަޢުލީމީ ޙަޔާތް ނިމިގެންދާއިރު، އެ ދަރިވަރުންނަކީ އެއީ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ، މަސައްކަތަށް އަހުލުވެރި، މަސައްކަތް ކުރާހިތްވާފަދަ ބައަކަށް ހެދުމަށްޓަކައި މުޅި ސަމާލުކަން ހުއްޓިފައި ހުރީ"
(ޓިވެޓުން އިންތިޒާމްކުރި "ހުނަރުވެނި 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިޞަލް ދެއްކެވި ވާހަކަފުޅުން)