ޑރ. މުނީޒާ އިސްލާމިކް ބިޒްނަސް އެންޑް ފިނޭންސްގެ އެންމެ ނުފޫޒު ގަދަ ދުނިޔޭގެ ފަންސާސް އަންހެނުންގެ ތެރޭގަ ހިމެނިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޑރ. މުނީޒާ އިސްލާމިކް ބިޒްނަސް އެންޑް ފިނޭންސްގެ އެންމެ ނުފޫޒު ގަދަ ދުނިޔޭގެ ފަންސާސް އަންހެނުންގެ ތެރޭގަ ހިމެނިވަޑައިގެންފި

ޑރ. ޢައިޝަތު މުނީޒާ "އިސްލާމިކް ބިޒްނަސް އެންޑް ފިނޭންސް 2019"ގެ އެންމެ ނުފޫޒު ގަދަ ދުނިޔޭގެ 50 އަންހެނުންގެ ތެރޭގަ ހިމެނިވަޑައިގެންފި އެވެ. މިކަން އިއުލާނުކޮށްފައިވަނީ ދުބާއީގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ މިދާއިރާއިން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 300 އަންހެނުން އިއުލާނުކުރަން ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.

މިޙަފްލާގައި އެކަމަނާއަށް ވަނީ WOMANiއެވޯޑް ޓްރޯފީ އާއި ސެޓުފިކެޓް އަރުވައިފައެވެ. މި އެވޯޑަކީ ކޭމްބްރިޖް އައިއެފްއޭ އިން އިސްލާމިކް ބިޒްނަސް އެންޑް ފިނޭންސް ދާއިރާއިން އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތް ކުރައްވާ ބޭކަނބަލުންނަށް އަރުވާ ޓްރޯފީއެވެ.  

ރާއްޖޭގައި އިސްލާމީ ފިނޭންސް ކުރިއަރުވަން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. ޢައިޝަތު މުނީޒާއަކީ ބޭން ނަގާރާ މެލޭސިޔާގެ އިސްލާމީ ޔުނިވަރސިޓީން އިސްލާމީ ފިނޭންސް ދާއިރާއިން ތައުލީމް ޙާޞިލުކުރައްވާފައިވާ އެސިސްޓެންޓް ޕްރޮފެސަރ އެކެވެ.  

ޑރ. ޢައިޝަތު މިނީޒާ ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގައި އިސްލާމީ ފިނޭންސްގެ ދާއިރާއިން ކޮންސަލްޓަންޓެއްގެ ގޮތުންނާއި އިސްލާމިކް ފިނޭންސްގެ އިސް ވެރިއެއްގެ ގޮތުން ޚިދުމަތްކުރައްވައިފައެވެ. އަދި އެކަމަނާ ވަނީ އިސްލާމިކް މިނިސްޓްރީގެ ނައިބްކަމާއި ފިނޭންސް މިނިސްޓްރީގެ ފުރަތަމަ އަންހެން ނައިބްކަންވެސް ކުރައްވައިފައެވެ. ސްކުކް (އިސްލާމީ ބޮންޑް) ރާއްޖެއަށް ތަޢާރަފް ކުރުމނުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރެއްވީ އެކަމަނާއެވެ. މީގެ އިތުރުން ޑރ. މުނީޒާ ވަނީ ހައްޖު ކޯޕޮރޭޝަންގެ ޝެޕަރޕަރސަން ކަމާއި   މޯލްޑިވެސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސްގެ ޗެއަރވުމަން ކަންވެސް ކުރައްވައިފައެވެ.  

ޑރ. ޢައިޝަތު މުނީޒާ، "އިސްލާމިކް ބިޒްނަސް އެންޑް ފިނޭންސް 2019"ގެ އެންމެ ނުފޫޒު ގަދަ ދުނިޔޭގެ 50 އަންހެނުންގެ ތެރޭގައި ހިމެނިވަޑައިގަތުން މިއީ ދިވެހިރާއްޖޭގެ އަންހެން ބޭފުޅަކަށް މިހައިތަނަށް ލިބިވަޑައިގެންނެވި އެންމެ މަތީ ބައިނަލްއަޤްވާމީ ޝަރަފްކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން