ހަނިމާދޫގައި ރޭ ވަގަކު އަތުލައިގަނެ މަގުތަކުގައި ގަނަހިންގައިފިއެވެ. މަންޒަރުދުށް އެރަށު މީހަކު ބުނީ އޭނާ ގަންހިންގީ ސައިކަލެއްގެ މަޑީތަޅު ހަލާކޮށްލައި މަޑިދަށުން ވައްކަންކުރުމުން ކަމަށެވެ.
"ޒުވާނުންގެ ބައަކު އޭނާ ހޯދީ. ދެން ރަނގަޅަށް ކަޅުތެޔޮ ޖެހުމަށްފަހު މަގުތަކުގައި ގަން ހިންގުވާފަ ފުލުހުންނާ ޙަވާލުކުރީ. ޒުވާނުން ބުނީ ރަށުގެ އެއްވެސް ތަނަކުން ވައްކަންކޮށްފިނަމަ މިފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް." މަންޒަރުދުށް މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަނިމާދޫގައި އެފަދަ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކިތަންމެ ބޮޑު ވައްކަމެއް ކުރަނިކޮށް އަތުލައިގަނެގެން މުއްދަތު ޖަހަން ކޯޓަށް ގެންދިއަ ނަމަވެސް ވަގުތުން މިނިވަންކުރަމުންދާއިރު ވައްކަންކުރުން ހުއްޓުވުމަށް ރައްޔިތުން އަމިއްލައަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ރައްޔިތުންގެ ގިނަ ބައަކު ޤަބޫލުކުރެއެވެ.