ރަސްފަންނު ސަރަހައްދުގައި ކޮރަލް ބޮލަވާޑުން ތަރައްގީ ކުރަން ނިންމި މަޝްރޫއު މިސަރުކާރުން ހުޅުމާލެއަށް ބަދަލު ކުރަން ނިންމާފައިވާތީ، ހުޅުމާލެއިން މޫދު ފެންނަ ގޮތަށް ކުރިން މާލެއިން ދީފައިވާ ވަރަށް ވުރެބޮޑު ބިމެއް ކޮރަލް ބޮލަވާޑަށް ހަމަޖައްސާފައިވާ ކަމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލެއިން ކޮރަލް ބޮލެވާޑަށް ދޭން ނިންމާފައިވަނީ 129،000 އަކަފޫޓްގެ ބިމެއްކަމަށެވެ. ކުރިން އެމަޝްރޫއަށް ރަސްފަންނުން ދޫކޮށްފައިވަނީ 70،000 އަކަފޫޓް ގެ ބިމެކެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް އެކަކުން އެކުންފުންޏަށް ދޭނެ ބިމެއް އެޗްޑީސީއިން ކަނޑައަޅައި ނިންމާފައިވާ ކަމަށާއި އެޗްޑީސީއިން ކަނޑައަޅުއްވާފައިވާ ލޮކޭޝަނަކީ ހަމަ ސީވިއު ލިބޭކަހަލަ ލޮކޭޝަނެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ބަދަލަކަށް އެދޭނަމަ، މިނިސްޓްރީން މެދުވެރިއަކަށްވެހުރެ ދެފަރާތައް އެންމެ ރަނގަޅުވާ ގޮތަކަށް ކަންކަން ނިންމާދޭން މަސައްކަތް ކުރާނެ ކަމަށާއި އަދި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ.
މި މަޝްރޫއާބެހޭގޮތުން ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާފަރާތް ތަކުން މެއިލް ކުރެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިލައްވާފައެވެ.