ރާއްޖޭގައި ބިދޭސީން ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރުން ނުހުއްތުވިގެން އުޅޭ ސަބަބަކީ ދިވެހި ރައްޔިތުންގެ އިޚްލާޞްތެރިކަމެއް ނެތުން ކަމަށް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ފައްޔާޟް މިއަދު ވިދާޅުވީ ބިދޭސީން ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބިގެން ގޮސް ޝެކްކުރާއިރު ހުއްދައިގައި އޮންނަނީ ދިވެއްސެއްގެ ނަން ކަމަށްވުމުން އެލޭނެ އެއްވެސް އިތުރު ފިޔަވަޅެއް ނުއޮންނަ ކަމަށެވެ. އެހެންކަމުން ޤައިވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރުން ހުއްޓުވޭނީ ދިވެހިން އިޚްލާޞޞްތެރިވެގެން ކަމަށެވެ.
މާލޭގައި ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ބައެއް ކުދި ފިހާރަތަކުގައި ކޭޝިއަރަކާއިއެކު އިތުރު 2،3 ބިދޭސީން ވެސް މަސައްކަތްކުރެއެވެ. އެހައި ގިނަ ބިދޭސީންނަށް ކުޑަކުޑަ ފިހާރައެއްގައި މަސައްކަތްކުރުމުގެ ކޯޓާ ލިބުނު ގޮތެއް ބަލާނަމަ، އެމީހުންނަކީ ހަމަ ޤަވާއިދުން ރާއްޖޭގައި ތިބި ބިދޭސީންތޯ ބެލޭ ނަމަ މިމައްސަލައަށް އިތުރު ހައްލެއް އަންނާނެ ކަމަށް ގިނަ ބައަކު ދެކެއެވެ.
ކުދި ފިހާރަތައް ހިންގުމުގެ އިތުރުން ބަންގްލަދޭޝް މީހަކު 6 ރެސްޓޯރަންޓްވެސް ހިންގަމުން އެބަ ގެންދެއެވެ. މިއިން އެއްވެސް ތަނެއްގައި ދިވެއްސަކު އެއްވެސް މަސައްކަތެއް ކުރާ ތަނެއްވެސް ނުފެނެއެވެ. އެހެންކަމުން މިތަންތަން ހިންގާ ގޮތް ބެލިއްޖެ ނަމަ މައްސަލައަށް ޙައްލުތަކެއް ފެންނާނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.