މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމުން ޙަސަން ނަބާހު މިއަދު އިސްތިއުފާ ދީފިއެވެ.
ބްރޯޑްކޮމް ގެ މެމްބަރުކަމުގެ މަގާމަށް ނަބާހު އައްޔަނުކުރީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.
އެކޮމިޝަނުން ނަބާހު އިސްތިއުފާ ދީފައިމިވަނީ، ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އިސްމާއިލް ސޮފްވާން ވެސް އިސްތިއުފާ ދީފައިވަނިކޮށެވެ. ސޮފްވާން އިސްތިއުފާ ދީފައިވަނީ އޭނާ އޮފީހަށް ހާޒިރު ނުވެ މުސާރަ ނަގާތާ ގިނަ މަސްތަކެއް ވުމުން، އޭނާ އެމަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމުމުންނެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގައި މިހާރު ތިބީ އެކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ އާއި އަމްޖަދު ވަހީދާއި، އައިމިނަތު ސަރާހަތު ގެ އިތުރުން ޒީނާ ޒާހިރު އެވެ. އޭގެތެރެއިން ޒައިނާ އެމަގާމުން ވަކި ކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށްވަނީ ހުށަހަޅާފައެވެ.