އެމް.އެމް.އެމް.ޕީ.އާރް.ސީ އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ފެއަރ "ވިޒިޓް މޯލްޑިވްސް ޓެރެވަލް އެކްސްޕޯ" މިއަދު މެލޭޝިޔާގައި ފަށައިފިއެވެ.
މި ފެއަރ ކުރިއަށް ދާނީ5 ޖުލައި އިން ފެށިގެން 7 ޖުލައިގެ ނިޔަލަށް މެލޭޝިއާގެ އައި.އޯ.އައި މޯލް، ޕުތްރަޖާޔާގައެވެ. އެއާ އޭޝިއާ އާއި ގުޅިގެން ކުރިޔަށްދާ މިފެއަރގައި، 5 ޖުލައި 2019 އިން 21 ނޮވެންބަރ 2019 އާއި ދެމެދު ދިވެހިރާއްޖެއަށް ދަތުރުކުރުމަށް، ފެއަރގެ ތެރެއިން ނަގާ ކޮންމެ ޓިކެޓަކަށް ވިހި އިންސައްތައިގެ ގެ ޑިސްކައުންޓެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއާ އޭޝިއާއަކީ ހަފްތާއަކު 10 ދަތުރު، ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ޓްރާންސިޓަކާއި ނުލައި ކުރާ ހަމައެކަނި އެއާރލައިނެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ 17 ކުންފުންޏަކުން މިފެއަރގައި ބައިވެރިވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާތުގައި މަގުބޫލު ޓުއަރ އޮޕަރޭޓަރުންނާއި، ޓެރެވެލް އޭޖެންޓުންނާއި، ރިސޯޓުތަކާއި އަދި ގެސްޓް ހައުސްތައް މީގެތެރޭގައި ހިމެނެއެވެ. އެއީ ޓްރިޕަލް އޭ ހޮޓަލްސް އެންޑް ރިސޯޓްސް، ކޮރަލް އައިލެންޑް މޯލްޑިވްސް، ކުރައުން އެންޑް ޗަންޕާސް ރިސޯޓްސް، ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕަރ، ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ލެޓްސް ގޯ މޯލްޑިވްސް، ލިޔެލާ ރިޓްރީޓް، ޕުލުމޭރިއާ ހޮޓެލްސް އެންޑް ރިސޯޓްސް، ރިއެލޯ ޓްރެވެލް، ރިސޯޓް ލައިފް، ސީޒަން ޕެރެޑައިސް، ސެވެން އޯޝަން ޓެރެވެލް، ސްޕެލެންޑިޑް އޭޝިއާ، ސަން ޓެރެވެލް އެންޑް ޓުއާސް، ޓެރެވެލް ކަނެކްޝަން މޯލްޑިވްސް، ޔޫއައި މޯލްޑިވްސް އަދި ވިލާ ހޮޓަލްސް އެންޑް ރިސޯޓްސް އެވެ.

މެލޭޝިއާ އަދި ސައުތު އީސްޓް އޭޝިއާގެ މާކެޓަށް އަމާޒުކޮށް ކުރިއަށް ގެންދާ މިފެއަރގެ މައިގަނޑު މަޤްސަދަކީ ސައުތު އީސްޓް އޭޝިއާގެ އޮޕަރޭޓަރުންނާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުވައިދީ ދިވެހިރާއްޖެ އިތުރަށް ޕުރޮމޯޓު ކުރުމަށް މަގުފަހި ކޮށްދިނުމެވެ.
މިފެއަރ ފެށުން ޝަރަފުވެރިކޮށްދެއްވީ އެމް.އެމް.ޕީ.އާރް.ސީ ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދާއި އެއަރ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫ އެވެ. މީގެ އިތުރުން ފެއަރ ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި އެމް.އެމް.ޕީ.އާރް.ސީ އާއި އެއަރ އޭޝިޔާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ.
ފެއަރގެ ފުރަތަމަ ދުވަސް ހާއްސަކުރެވިފައި ވަނީ މެލޭޝިއާއިން ބޭރަށް ފަތުރުވެރިން ފޮނުވާ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރސްގެ އިތުރުން ފެއަރއަށް ޒިޔާރަތްކުރާ މީހުންނަށެވެ. މި މުއްދަތުގައި އައި.އޯ.އައި މޯލްއަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އައި.އޯ.އައި މޯލްއަށް ދުވާލަކު 150,000-200,000 އާއި ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިފެއަރގެ ސްޓޭންޑުތައް ޒީނަތްތެރިކުރެވިފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭގޮތަށެވެ. އަދި ދިވެހިކާނާ ރަހަބަލާލުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ވާޗުއަލް ރިއަލިޓީ މެދެވެރިކޮށް ދައްކާލުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސަޤާފީ ނެށުންތައްވެސް މިފެއަރގައި ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއިއެކު، ފެއާރ އަށް ޒިޔާރަތް ކުރާ ފަރަތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ލިބޭނެއެވެ. މި ދަތުރުގެ ޓިކެޓް އެއަރ އޭޝިއާއިން ހިލޭ ހަދިޔާ ކުރާއިރު، ހުރުން ހަދިޔާކޮށްފައިވަނީ ފުރަވެރި އައިލޭންޑް ރިސޯޓް އެންޑް ސްޕާ، ޕެރަޑައިސް އައިލޭންޑް ރިސޯޓް އެންޑް ސްޕާ އަދި ޕްލުމޭރިއަރ އިންނެވެ.
ސައުތު އީސްޓް އޭޝިއާއިން 2018 ވަނަ އަހަރު ޗުއްޓީ ހޭދަކުރުމަށްޓަކައި 93,398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 13.7% ގެ ކުރިއެރުމެކެވެ.