އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބޭއްވި ދުވުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެރިވެވަޑައިގެން، ދުވެވަޑައިގެންފިއެވެ.
ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި "އަމީނީ ޑައިމަންޑް ޖުބްލީ ރަން" އަކީ ދުޅަހެޔޮ ސިއްހަތަކަށް އަމާޒުކޮށް އަމީނިއްޔާ ސްކޫލުން އިންތިޒާމްކޮށްގެން އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.
މި ދުވުމުގައި ވަޒީރުންގެ މަޖިލީހުގެ އަންހެން ވަޒީރުންނާއި އަމީނިއްޔާ ސްކޫލުގެ އިސް ދަރިވަރުންނާއި މިހާރުގެދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލުގެ މުވައްޒަފުން ހިމެނޭގޮތަށް ގާތްގަޑަކަށް 2500 އަށް ވުރެ ގިނަ ބައިވެރިން ވަނީ ދުވެފައެވެ.
ރާއްޖޭގައި ހިންގާ އެންމެގިނަދުވަސްވީ އެއް ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް މީގެކުރިންވަނީ ފުޓްބޯޅަ މެޗާއި އާޓް އެގްޒެބިޝަނެއްވެސް ބާއްވާފައެވެ.