ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ޖިނާއި މައްސަލަތަކުގައި އެހީތެރިކަން ހޯދުމުގެ މުއާހަދާގެ ސަބަބުން ދިވެހި އެއްވެސް ރައްޔިތަކަށް ގާނޫނު އަސާސީއާއި ގާނޫނީ ނިޒާމުގެ ތެރެއިން ލިބިދީފައިވާ ހައްގެއް ނުގެއްލޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" ގެ ސަބަބުން ދިވެހިން، އިންޑިއާއަށް ގެންގޮސް ހައްޔަރުކޮށް ޝަރީއަތް ހިންގޭނެ ކަމަށް ބުނެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓްރީޓީ އާގުޅޭ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތަކަކީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ކަނޑައެޅި، 2015 އިން ފެށިގެން އަމަލުކުރެވެމުންދާ އުސޫލުތަކެއް ކަމަށެވެ. އެގޮތުން، އެ ގާނޫނުގައި، ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ޝަރުއީ ލިޔުންތައް ހޯދައި ރައްދުކުރުމާއި، މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލީ ރެކޯޑާއި މިފަދަ ލިޔެކިޔުންތައް ހޯދުމަކީ، އެ ގާނޫނުގެ ދަށުން ގައުމުތަކުން ރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާއާ އެކު ސޮއި ކުރާ މުއާހަދާގެ ދަށުން ހެކިބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތަކު އެހެން ގައުމަކަށް ގެންދެވޭނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ތެރެއިން އެ ރައްޔިތެއްގެ ރައްކާތެރިކަމާ ގުޅޭގޮތުން ހާއްސަ ގެރެންޓީއެއް ޕްރޮސެކިއުޓާ ޖެނެރަލް ދިނުމަށްފަހު ކަމަށެވެ.
އެޓާނީ ޖެނެރަލްގއ އޮފީހުން ބުނެފައިވަނީ ރާއްޖެއާ އިންޑިއާ އާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުއާހަދާގެ މަގުސަދަކީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދެ ގައުމުގެ ދެމެދުގައި ފަހިކުރުން ކަމަށާއި ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި، ޖިނާއީ މައްސަލަތަކުގައި ދެ ގައުމުގެ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށްޓަކައި ފަހި އުސޫލުތަކެއް ގާއިމްކުރުން ކަމަށެވެ.
އިންޑިއާގެ އިތުރުން، ސްރީލަންކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިއާފަދަ ގައުމުތަކާއެކުވެސް މިފަދަ މުއާހަދާތަކުގައި ސޮއިކުރުމަށްޓަކައި، އެ ގައުމުތަކުން ހުށަހަޅައިގެން އެ ގައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.