ސަފީރުކަމުގެ ފަތްކޮޅު ތިލްމީޒާ އެމެރިކާގެ ރައީސަށް އަރުވައިފި

ކިޔުމަށް ހޭދަވާނީ 1މ 36ސ
ސަފީރުކަމުގެ ފަތްކޮޅު ތިލްމީޒާ އެމެރިކާގެ ރައީސަށް އަރުވައިފި

ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޜާ ހުސައިންގެ ސަފީރުކަމުގެ ފަތްކޮޅު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުއްވައިފިއެެވެ.

 

ފަތްކޮޅު އަރުއްވާފައިވަނީ މިކަމަށްޓަކައި ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

ފަތްކޮޅު ހަވާލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ސަފީރު ތިލްމީޜާ ހުސައިންވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުމަށް އެމެރިކާއިން ދެމުންދާ އެއްބާރުލުން ތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވޭތުވެދިޔަ މަސްތަކުގައި ރާއްޖެއިން ކުރަމުންދިޔަ މަސައްކަތްތަކުގައި އެމެރިކާއިން ބާއްވަމުންދިޔަ ގާތް ގުޅުމަށްވެސް ވަނީބޝުކުރު އަދާކުރައްވާފައެވެ.

 

އެކަމަނާވަނީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެ ތަމްސީލް ކުރުމަށް ލިބުނުު ފުރުސަތަކީ ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

 

ތިލްމީޒާ ހުސައިން މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަތީ މިދިޔަ މޭމަހުގައެވެ.

 

ތިލްމީޛާ ޙުސައިން މިހާތަނަށް ހުންނެވީ، ނިއުޖަރސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަޤާމާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވަރކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަޤާމުގައެވެ.

 

އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ތިލްމީޛާ ވަނީ ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިއުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރ ގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ.

މިއަދު އޮންލައިން